| ބްރޯޑްކާސްޓަރުންނަށް ލައިސަންސް ފުޅާކޮށްދިނުން |
|
|
|
ނޫސްބަޔާން 22 ފެބްރުއަރީ 2012 ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް މުޅި ރާއްޖެ އަށް ބްރޯޑްކާސްޓް ކުރުމަށް ލައިސަންސް ދޫކުރަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ފެށި ފެށުމަށް މިޖަމްއިއްޔާ އިން މަރުޙަބާ ކިޔަމެވެ. އެގޮތުން ރާއްޖެ ޓީވީގެ ޚިދުމަތް މުޅިރާއްޖެ އަށް ފުޅާ ކުރުމަށް އެދުމުން އެފަރާތަށް އެ ހުއްދަ ދިން ފަދައިން އެހެން ބްރޯޑްކާސްޓަރުންނަށް ވެސް ހިފެހެއްޓުމެއް ނެތި ވަގުތުން ހުއްދަ ދިނުމަށް މި ޖަމިއްޔާ އިން ގޮވައިލަމެވެ. ބްރޯޑްކާސްޓަރުންނަށް މިނިވަންކަމާ އެކު ޚަބަރާއި މަޢުލޫމާތު ފެތުރުމަށް އެއްވެސް ދާއިރާއެއްގެ ފިއްތުމެއް ނެތި މުޅިރާއްޖެ އަށް ލިބިގެން ދިއުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ތަފާތު މަޢުލޫމާތުތައް ލިބިގަތުމަށް ފުރުޞަޠު ހުޅުވިގެންދާނޭ ކަމެއް ކަމަށް މި ޖަމިއްޔާ އިން ދެކެމެވެ. އަދި ތަފާތު ޚިޔާލުތަކަށް ޖާގަ ހުޅުވިގެންދާނޭ ކަމެއްވެސް މެއެވެ. އަދި ހަމަ އެހެންމެ ޚަބަރާއި މައުލޫމާތު ފެތުރުމުގައި އެއްފަރާތަށް ވުރެ ގިނަ ފަރާތްތަކަށް ބައިވެރިވެވޭނެ ގޮތް ހަމަޖައްސައިދިނުމާއި ތަފާތު ބާވަތްތަކުގެ ޚިޔާލުތަކަށާއި ތަފާތު ވިސްނުންތަކަށް ފުރުޞަތު ލިބޭނެ ގޮތް ހަމަޖެއްސުމަކީ ވެސް މުހިންމު ކަމެއް ކަމަށް ދެކެމެވެ. މި ޖަމިއްޔާ އިން ގޮވާލަނީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ އިމުގެ ތެރެއިން ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބިދޭ އިހުތިޔާރުގެ ދަށުން ރާއްޖެ ޓީވީ އަށް، މުޅި ރާއްޖެ ކަވަރު ކުރާ ގޮތަށް ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދިން ގޮތަށް، ޒަމާނީ ވަސީލަތް ބޭނުންކޮށްގެން، މުޅި ރާއްޖެ އަށް ހިދުމަތް ފުޅާ ކުރުމުގެ ހުއްދައަށް މިހާރު އެދިފައިވާ، ސަން މީޑިއާ ގްރޫޕުގެ ސަން އެފްއެމާއި ދި ޓީވީ އާއި ވީ ޓީވީ އިން އެދިފައިވާ ހުއްދަ ވަގުތުން ދިނުމަށެވެ. އަދި އެ ތިން ސްޓޭޝަނަކީ ރާއްޖޭގައި ހަބަރާއި މައުލޫމާތު ފެތުރުމުގެ މާ ޒަމާންވީ ތާރީހެއް އޮތް ތިން ތަން ކަމަށްވާތީ، އެ ހުއްދަ އަވަހަށް ދިނުމުގެ މުހިންމުކަން ބޮޑުކަމުގައިވެސް ދެކެމެވެ. ބްރޯޑްކާސްޓަރުންނަށް މުޅިރާއްޖެއަށް ޚިދުމަތް ދިނުމަށް ފުރުޞަޠު ލިބުނު ނަމަވެސް، ބްރޯޑްކާސްޓަރުން ޒިންމާދާރުވުމަކީ ވެސް މުހިންމުކަމެއް ކަމުގައި ފާހަގަ ކުރަމުން، ފޭރާން ހެޔޮ ނޫސްވެރިކަމެއް ނޫނީ ނުކުރުމަށް ބްރޯޑްކާސްޓަރުންނާއި ޖުމްލަކޮށް ނޫސްއިދާރާތަކަށް ނަޞޭހަތްތެރިވަމެވެ. 22 ފެބްރުއަރީ 2012 |
